އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) މަގާމުން ވަކިކުރުމަށް، އެ ޕާޓީގެ ގައުމީ މަޖިލީހުގެ 55 މެންބަރުންގެ ސޮޔާއެކު ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެނައުމަށް ނިންމައިފި އެވެ.

ޣަފޫރު ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅީ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންކަމުން އިބްރާހިމް ވަހީދު (އިބުރޭ) އަދި ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައުރޫފް ވަކިކޮށް، އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދީ ޕާޓީގެ އެތެރޭގެ މަސްލަހަތު ގޯސްވެފައިވަނިކޮށެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދިފައިވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހާމަކުރައްވާފަ އެވެ.

“ޖަވިޔަނި” އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ޚިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދިފައިވުމުން ވަގުތީ ޗެއާޕާސަންގެ މަގާމުން ޣަފޫރު ވަކިކުރުމަށް ހުށަހެޅި މައްސަލަ އަނބުރާ ގެނައުމަށް މިހާރު ވަނީ ނިންމާފަ އެވެ. އަދި މަގާމުތަކުން ވަކިކުރި އިބްރާހިމް ވަހީދު (އިބުރާ) އަދި އަހުމަދު މައުރޫފްގެ މަގާމުވެސް އިއާދަ ކުރާގޮތަށް ވަނީ ނިންމާފަ އެވެ. މީގެއިތުރުން ރައީސް ނަޝީދަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގޮނޑިއެއް ދިނުމަށާއި، އެމްޑީޕީގެ ކަންކަން ބެލެހެއްޓުމަށް ފަސް ލީޑަރުންގެ މައްޗަށް އެކުލެވޭ އިންތިގާލީ ކޮމިޓީއެއް އެކުލަވާލުމަށްވެސް ނިންމާފައިވާ ކަމަށް “ޖަވިޔަނި” އަށް މައުލޫމާތު ދީފައިވެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 123 އެވެ. އޭގެ ތެރެއިން 55 މެންބަރުން ވަނީ ޣަފޫރު ވަކިކުރުމަށް ހުށަހެޅި މައްސަލައިގައި ސޮއިކޮށްފަ އެވެ. ގަފޫރު މަގާމުން ވަކިކުރުމުގެ މަސައްކަތުގެ ފަހަތުގައި ތިއްބެވީ ރައީސް ނަޝީދުގެ ފެކްޝަނާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ތާއީދުކުރާ ފަރާތްތަކެވެ. ޣަފޫރު ވަކިކުރަން ހުށަހެޅި ލިޔުމުގައި ފައްޔާޒުގެ އިތުރުން، ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި، މީގެ ކުރިން ރައީސް ސޯލިހުގެ ފެކްޝަންގައި އިސްކޮށް އުޅުއްވި ރޮޒައިނާ އާދަމް އަދި މުހައްމަދު ނާޝިޒު ވެސް ސޮއިކުރައްވާފައިވެ އެވެ.

ޣަފޫރު ވަކިކުރަން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ޕާޓީގެ އާންމު މެންބަރުން ލީޑަރުންގެ ގޮތުގައި ބަލައިގަންނަ އެއްވެސް ބޭފުޅަކު ބާކީނުކޮށް ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ. ނަމަވެސް ޣަފޫރުގެ އަމަލުތައް ހުރީ ޕާޓީގެ ސަފުތައް ބައިބައިވާ ގޮތަށް ކަމަށާއި، އޭނާ ނިންމުންތައް ނިންމަވަނީ ވަކި ފަރާތަކުން އަންގަވާ ގޮތަކަށް ކަމަށް އެ ލިޔުމުގައި ތުހުމަތުކޮށްފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *