ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިިމެނިވަޑައިގަންނަވާ 10 މިނިސްޓަރަކު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެގޮތުން 10 މިނިސްޓަރަކު މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އެ ބޭފުޅުންގެ އިސްތިއުފާ ރައީސް މުއިއްޒު ޤަބޫލުފުޅުކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ. 

މަގާމުން އިސްތިއުފާ ދެއްވި މިނިސްޓަރުން

  1. ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް
  2. ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު
  3. ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން
  4. ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
  5. ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތް ޝިހާމް
  6. އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ
  7. ޔޫތް އެމްޕަވަމެންޓް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)
  8. ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިިނިސްޓަރު ޠާރިޤު އިބްރާހިމް
  9. ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު
  10. ދިވެހި ލޭންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް

މިއަދު އިސްތިއުފާދެއްވި 10 ވަޒީރުން މި ވޭތުވެދިޔަ މުއްދަތުގައި ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި ރައީސް އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދިފައިވެ އެވެ. 

މިފަހުން ބޭއްވި އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށްފަހު ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރާނެ ކަމަށެވެ. އޭގެފަހުން ރައީސް މުއިއްޒު ވަނީ ސަރުކާރުގެ އަދި ކުންފުނިތަކުގެ އެކި މަގާމުތަކަށްވެސް ބަދަލުތައް ގެންނަވާފަ އެވެ. 

ރައީސް މުއިއްޒުގެ ކެބިނެޓްގައި ޖުމުލަ 20 މިނިސްޓަރަކު ތިއްބަވަ އެވެ. 

Leave a Reply

Your email address will not be published. Required fields are marked *