ނިމިދިޔަ ދެ ދައުރުގެ ތެރޭގައި އުފެދިފައިވާ ބޮޑު ދަރަންޏާއި، އެ ދަރަނިތައް ރީސްޓްރަކްޗާ ކުރެވިފައި ނެތުމުގެ ސަބަބުން ރާއްޖެއަށް ގެއްލިފައި އޮތް އިންވެސްޓަރުންގެ އިތުބާރު، މި ސަރުކާރުން ކުރި މަސައްކަތުން އަނބުރާ ހޯދައިފި ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރއީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖެއަށް އިންވެސްޓަރުންގެ އިތުބާރު އެންމެ ބޮޑަށް ލިބިގެންދިޔަ ސަބަބަކީ، ދައްކަންޖެހިފައި އޮތް 500 މިލިއަން ޑޮލަރުގެ ސުކޫކު އެއްކޮށް ދައްކާ ހަލާސްކުރުމެވެ.
“މިދިޔަ 6 ނޫނީ 7 އަހަރު ތެރޭގައި ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވި އެންމެ ބޮޑު ކަންބޮޑުވުމަކީ ނިމިދިޔަ ސަރުކާރުން އުފައްދާފައި އޮތް ބޮޑު ދަރަނި. އޭޕްރީލް މަހު ދައްކަންޖެހޭ މި ސުކޫކަކީ ރާއްޖޭގެ އިޤްތިޞާދަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް،”
ސައީދު އިތުރަށް ވިދާޅުވީ، އަވައްޓެރި ސްްރީލަންކާއަށް ދިމާވި ފަދަ ނާޒުކު އިޤްތިޞާދީ ހާލަތެއް ރާއްޖެއަށްވެސް ކުރިމަތިވެ، ރާއްޖެ ބަނގުރޫޓުވެދާނެ ކަމުގެ ބިރު ބައިނަލްއަޤްވާމީ މީޑިއާތަކުން އޭރު ފާޅުކުރަމުން ދިޔަ ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދު އޮތީ ހަފްތާއަކަށް ނުވަތަ މަހަކަށް އަންދާޒާކުރެވޭ ފަދަ ނުރައްކާތެރި ފައްތަރެއްގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވި އިރުވެސް، މި ދަރަނިތައް ހައްލުކުރާނެ ރޭވުންތައް ތައްޔާރުކުރައްވަމުން ގެންދެވި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ސުކޫކު ދައްކަންޖެހޭ މުއްދަތުގެ ދެ ހަފްތާ ކުރިން އެ ބޮޑު ޕޭމަންޓް ދައްކައި، ދަރަނި އަދާކޮށްފައިވާ ކަމަށް ސައީދު ހާމަކުރެއްވި އެވެ.
“ދަރަނީގެ ހާލަތުގައި ދަރަނި އަދާކުރެވިދާނެތޯ ސުވާލު އުފެއްދި މީހުންނަށް މިއަދު މިވަނީ ޖަވާބު ލިބިފައި. މިއީ ރައްޔިތުންނާއި އިންވެސްޓަރުން އެންމެ އަޑުއަހަން ބޭނުންވި ޚަބަރު. މިއާއެކު އިންވެސްޓަރުންގެ ހިތްހަމަޖެހުމާއި އިތުބާރު ރާއްޖެއަށް ވަނީ ލިބިފައި،”
މި ކުރިއެރުމަކީ ރާއްޖޭގެ މާލީ ސިޔާސަތު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށާއި، މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ފައިދާހުރި އިންވެސްޓްމަންޓްތައް އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.





