އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމަނައި، ޕާޓީގެ ހިންގުން ފަސް ލީޑަރުންގެ ކޮމިޓީއަކަށް ހަވާލުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުމަށް ނިންމައިފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބަށްފަހު އެމްޑީޕީގެ އެތެރޭގެ މަސްރަހު ގޯސްވެފައިވާއިރު، ދިމާވެފައިވާ ޚިޔާލުތަފާތުވުން ހައްލު ކުރުމަށް ވަނީ މަސައްކަތްކޮށްފަ އެވެ. އަދި އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދިފައިވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހާމަކުރައްވާފަ އެވެ.
“ޖަވިޔަނި” އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ލީޑަރުންގެ މެދުގައި ކުރި މަޝްވަރާތަކަށްފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނުމަށް ވަނީ ނިންމާފަ އެވެ. އަދި ޕާޓީގެ ހިންގުން ފަސް ލީޑަރުންގެ ކޮމިޓީއަކަށް ހަވާލު ކުރުމަށް ވަނީ ނިންމާފަ އެވެ. އެކަމަށް މިރޭ ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ގޮތެއް ނިންމުމަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.
އެމްޑީޕީގެ ހިންގުން ހަވާލުކުރާ ކޮމިޓީގައި ހިމެނެނީ:
- ކުރީގެ ރައީސް މުހައްމަދު ނަޝީދު
- ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
- އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
- އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ
- އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް
މީގެއިތުރުން ޚިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދިފައިވުމުން ޗެއާޕާސަންގެ މަގާމުން ޣަފޫރު ވަކިކުރުމަށް ހުށަހެޅި މައްސަލަ އަނބުރާ ގެނައުމަށް މިހާރު ވަނީ ނިންމާފަ އެވެ. އަދި މަގާމުތަކުން ވަކިކުރި އިބްރާހިމް ވަހީދު (އިބުރާ) އަދި އަހުމަދު މައުރޫފްގެ މަގާމުވެސް އިއާދަ ކުރާގޮތަށް ވަނީ ނިންމާފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 123 އެވެ. އޭގެ ތެރެއިން 55 މެންބަރުން ވަނީ ޣަފޫރު ވަކިކުރުމަށް ހުށަހެޅި މައްސަލައިގައި ސޮއިކޮށްފަ އެވެ. ގަފޫރު މަގާމުން ވަކިކުރުމުގެ މަސައްކަތުގެ ފަހަތުގައި ތިއްބެވީ ރައީސް ނަޝީދުގެ ފެކްޝަނާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ތާއީދުކުރާ ފަރާތްތަކެވެ. ޣަފޫރު ވަކިކުރަން ހުށަހެޅި ލިޔުމުގައި ފައްޔާޒުގެ އިތުރުން، ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި، މީގެ ކުރިން ރައީސް ސޯލިހުގެ ފެކްޝަންގައި އިސްކޮށް އުޅުއްވި ރޮޒައިނާ އާދަމް އަދި މުހައްމަދު ނާޝިޒު ވެސް ސޮއިކުރައްވާފައިވެ އެވެ.





