އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުމަށްޓަކައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިދިޔަ ޑިސެންބަރު މަހުގެ 8 ވަނަ ދުވަހު އެ މަގާމަށް އައްޔަންކުރި ގަޕޯ ވަކިކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް އެދި 50 އަށް ވުރެ ގިނަ ސޮއި މިހާރު ވަނީ ހަމަކޮށްފަ އެވެ. އެމްޑީޕީގެ އަސާސީ ގަވައިދު ބުނާގޮތުން ޤައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެ ބޭނުންވަނީ އެ މަޖިލީހުގެ 10 މެމްބަރެއްގެ ސޮޔެވެ.

ވަގުތީ ޗެއާޕާސަންގެ މަގާމުން ގަޕޯ ވަކިކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް އިއްޔެގެ ވަގުތެއްގައި މަގާމުން ވަކިކުރުމާ ގުޅިގެން ޕާޓީގެ އެތެރޭގެ މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. މި ނިންމުމާ ގުޅިގެން އިބުރޭ ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށާއި، ގަޕޯ “ރަނގަޅަށް މޮޔަވެއްޖެ” ކަމަށެވެ.

އެމްޑީޕީގެ އެތެރޭގައި ބޮޑެތި ހިތްހަމަނުޖެހުންތަކެއް އުފެދުނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ‘ހޭވައްލާ ތައްޔާރު’ ޖަލްސާގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ނުދިނުމުންނެވެ. މިކަމާ ގުޅިގެން ރައީސް ނަޝީދަށް ތާއީދުކުރާ މެންބަރުން ވަނީ އެ ޖަލްސާ ބޯއިކޮޓް ކޮށްފަ އެވެ.

މި މައްސަލާގައި ގަޕޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޖަލްސާގައި ވާހަކަދެއްކުމަށް ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ރައީސް ނަޝީދު އެދިވަޑައިގެންނެވި ކަމަށެވެ. އަދި އެ ބޭފުޅުންނަށް ވާހަކަދެއްކުމުގެ އިންތިޒާމު ހަމަޖައްސަމުން ދަނިކޮށް، ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް ވާހަކަތައް ފެތުރުނީ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ހަނިމާދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ގަޕޯ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް އައްޔަންކުރީ، އެ މަގާމުގައި ކުރިން ހުންނެވި ފައްޔާޒް އިސްމާއީލް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އެ މަޤާމަށް އައްޔަންކުރީ 50 އަށްވުރެ ގިނަ މެމްބަރުންގެ ވޯޓާއެކު އެވެ.

Leave a Reply

Your email address will not be published. Required fields are marked *